ބޮލުން އިސްތަށި ފޭބުމާއި ހަންފޮޅި ހަލާކުވުމަކީ ދެޖިންސްގެ ބޭފުޅުން ވެސް ވަރަށް ކަންބޮޑުވާކަމެކެވެ. ތަފާތު ވައްތަރުގެ އަގުބޮޑު ތެޔޮ ބޭރުގައުމުތަކުން ގަނެގެން އިސްތަށިގަނޑުގައި އުނގުޅުމަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިންވެސް ފެންނަމުންދާ އާދައެކެވެ. އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި، ވަރުގަދަކޮށް އަދި ސްޓައިލް ކުރުމަށް ބައެއްކަހަލަ ތެލާއި، ކްރީމް އަދި ޖެލް ބޭނުން ކުރެއެވެ. ނަމަވެސް މަދު މީހަކަށް ނޫނީ ގަނެގެން ބޭނުން ކުރެވޭމި ތަކެތިން އެކަށީގެންވާ ފައިދާ ނުލިބެއެވެ. ގަނެގެން ބޭނުން ކުރެވޭ ގިނަ ބާވަތްތަކަކީ ބާރުގަދަ ކެމިކަލް އެކުލެވޭ ތަކެއްޗެވެ. ނަތީޖާ އަކަށް ވެގެން ދަނީ އިސްތަށިގަނޑު އިތުރަށް ފޭބުމާއި ހަލާކުވުމެވެ
ބާރުގަދަ ކެމިކަލް އެކުލެވޭ ތެޔޮ/ކްރީމް ބޭނުން ކުރުމުގެ ބަދަލުގައި ގޭގައި އަމިއްލަޔަށް އިސްތަށިގަނޑަށް ދެވިދާނެ ފަރުވާއެއް ތައްޔާރު ކޮށްލުން ކީއްތޯއެވެ؟ ތިރީގައި މިވަނީ ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ހަތަރުބާވަތެކެވެ.
އިސްތަށި ފެޅުވުމަށް : ސައިމާ
5 ސައިމާ
5 ސައިމާ ފަތް
100މލ ޒައިތޫނި ތެޔޮ ނުވަތަ ކާށި ތެޔޮ
މަލާއި ފަތް ހިމުން ވަންދެން ފުނޑާލާށެވެ. ދެން ޒައިތޫނި ތެޔޮ/ ކާށިތެޔޮ، ތަވަޔަށް އެޅުއްވުމަށް ފަހު މަޑުގިނީގައި ރަނގަޅަށް އެއްކޮށްލާފައި ކެކެންފެށުމުން އުނދުން ނިއްވާލާށެވެ. ދެން ހިހޫވީމަ ފުޅިޔަކަށް އަޅާފައި ބަންދުކޮށްފައި ބެހެއްޓިދާނެއެވެ. ހަފްތާޔަކު ދެދުވަހު ނޫނީ ތިން ދުވަހު ތައްޔާރު ކުރި ތެލުން ދެސަމްސާ ތެޔޮ އިސްތަށިގަނޑުގައި އުނގުޅުމަށް ފަހު 15 މިނެޓް ވަންދެން މަސާޖް ކުރުމަށް ފަހު އިތުރަށް 45 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާފައި ރަނގަޅަށް އިސްތަށިގަނޑު ހިއްކާލާށެވެ
ސައިމަލަކީ “އެމައިނޯ އެސިޑް” އަދި “ވިޓަމިން ސީ” އިން މުއްސަނދި ވެފައިވާ މަލެކެވެ. މިދެވިޓަމިން އަކީ އިސްތަށިގަނޑަށް ބޭނުންވާ ފައިދާ ލިއްބައިދޭ ވިޓަމިން އެކެވެ. މިވިޓަމިން ގެސަބަބުން އިސްތަށިގަނޑު ވަރުގަދަވެ އިސްތަށި ފެޅުމަށް މަގުފަހިކޮށް ދެއެވެ
ހަންފޮޅުން ކޮންޓްރޯލް ކުރުމަށް – ލުނބޯ އަދި އޮރެންޖް ޕައުޑަރ
ސައިސަމްސާ އޮރެންޖް އަދި ލުނބޯ ޕައުޑަރ (އޯރެންޖް އަދި ލުނބޯ ފޮތިކޮށްފައި އަވީގައި ބަހައްޓައިގެން ހިއްކާލުމަށްފަހު ފުނޑާލުމުން ޕައުޑަރ ތައްޔާރު ކުރެވިދާނެ)
100މލ ކާށިތެޔޮ/ ޒައިތޫނި ތެޔޮ
ތަވަޔަށް އޮރެންޖް، ލުނބޯ ޕައުޑަރ އަދި ޒައިތޫނި ތެޔޮ/ ކާށިތެޔޮ އެޅުއްވުމަށް ފަހު މަޑުގިނީގައި ރަނގަޅަށް އެއްކޮށް ލާފައި ކެކެންފެށުމުން އުނދުން ނިއްވާލާށެވެ. ދެން ހިހޫވީމަ ފުޅިޔަކަށް އަޅާފައި ބަންދުކޮށްފައި ބެހެއްޓިދާނެއެވެ. ހަފްތާޔަކު ދެދުވަހު ނޫނީ ތިން ދުވަހު ތައްޔާރު ކުރި ތެލުން ދެސަމްސާ ތެޔޮ އިސްތަށިގަނޑުގައި އުނގުޅުމަށް ފަހު 15 މިނެޓް ވަންދެން މަސާޖް ކުރުމަށް ފަހު އިތުރަށް 45 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާފައި ރަނގަޅަށް އިސްތަށިގަނޑު ހިއްކާލާށެވެ
މި ސިޓްރަސް ޕައުޑަރ ގައި ވިޓަމިން “ސީ” އެކުލެވިފައި ވެއެވެ. މިޕައުޑަރ ގައި އެކުލެވޭ ހުތުގެ ސަބަބުން ހަންފޮޅުން އަދި ހިރުވުން ކުޑަކޮށްދެއެވެ
އިސްތަށި ފެޅުވުމަށް އަދި ވަރުގަދަ ކުރުމަށް – ޖެމެއިކަން ބްލެކް ކޭސްޓަރ އޮއިލް
1 ސައި ސަމްސާ ޖެމެއިކަން ބްލެކް ކޭސްޓަރ އޮއިލް
1 ސައި ސަމްސާ ކާށިތެޔޮ
6 ތިކި ލެވެންޑަރ އެސެންޝިއަލް އޮއިލް
6 ތިކި ރޯސްމެރީ އެސެންޝިއަލް އޮއިލް
ތައްޓަކަށް މިހުރިހާ ބާވަތް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށް ލައްވާށެވެ. އެއަށްފަހު އިސްތަށިގަނޑުގެ ބުޑުން ފެށިގެން ކޮޅާހަމަޔަށް މި ޕޭސްޓް އުނގުޅާ ފައި 15 މިނެޓްވަންދެން ރަނގަޅަށް މަސާޖް ކޮށްލާށެވެ. އިތުރަށް 30 މިނެޓް މަޑު ކުރެއްވުމަށް ފަހު ޝޭމްޕޫ އަކުން ދޮވެ އިސްތަށިގަނޑު ރަގަޅަށް ހިއްކާލާށެވެ. ހަފްތާޔަކު 2 ނޫނީ 3 ދުވަހު މި ޕޭސްޓް ބޭނުން ކޮށްލެވިދާނެއެވެ
ކޭސްޓަރ އޮއިލް އަކީ އިސްތަށި ފެޅުއްވުމަށާއި ވަރުގަދަ ކޮށް ރީތިކޮށް ބެހެއްޓުމަށް ހާއްސަ ތެލެކެވެ. މިތެލުގައި އިސްތަށިގަނޑަށް ބޭނުން ވާހުރިހާ މާއްދާތައް އެކުލެވިފައި ވެއެވެ
ނުރަވެފައިވާ އިސްތަށިގަނޑަށް – ހިކަނދިފަތް
ޖޯޑު ހިކަނދިފަތް2/1
2 ސައިސަމްސާ ކާށިތެޔޮ
ތަވަޔަށް ކާށިތެލާއި ހިކަނދިފަތް އެޅުއްވުމަށް ފަހު މަޑުގިނީގައި ރަނގަޅަށް ފަތްތަކުގެ ކުލަބަދަލުވަންދެން ކައްކާލާފައި އުނދުން ނިއްވާލާށެވެ. ހިހޫވީމަ ތައްޔާރު ކުރި ތެލުން ދެސަމްސާ ތެޔޮ އިސްތަށިގަނޑުގައި އުނގުޅުމަށް ފަހު 15 މިނެޓް ވަންދެން މަސާޖް ކުރުމަށް ފަހު އިތުރަށް 45 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާފައި ރަނގަޅަށް އިސްތަށިގަނޑު ހިއްކާލާށެވެ. ހަފްތާޔަކު ދެދުވަހު ނޫނީ ތިން ދުވަހު މިގޮތަށް ތަކުރާރު ކޮށްލެވިދާނެ އެވެ
މި ފަރުވާއަކީ ބޮލުގައިވާ މަރުވެފައިވާ ހަން ސާފުކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑަށް ތާޒާކަން ގެނުވައިދޭ ފަރުވާއެކެވެ. މީގެ އިތުރުން މި ތެލުގެ ސަބަބުން އިސްތަށިގަނޑުގައިވާ “މެލަނިން” ނުވަތަ އިސްތަށިގަނޑުގެ ކުލަ ދަމަހައްޓައިދޭ މާއްދާ ދަމަހައްޓައި، ނުރަވުމުން ދުރުކޮށްދޭ ފަރުވާއެކެވެ