ލ. މާބައިދޫ ކައުންސިލް މެމްބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ
މައުލޫމާތު ލިބޭ ގޮތުގައި 58 އަހަރުގެ ޒަރީރު އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
މައިބާދޫ ކައުންސިލުން ވިދާޅުވީ ކައުންސިލް މެންބަރު ޒަރީރު މިއަދު ކައުންސިލުގެ މަސައްކަތަށް ވެސް ނިކުތް ކަމަށެވެ. އަދި މެންދުރުފަހު އޮތް ކައުންސިލް ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އޭގެ ފަހުން ހަވީރުގެ ވަގުތެއްގައި މެޔައް ތަދެއް އަރައިގެން ސިއްޙީ ފަރުވާ ދިނުމަށް ގެންދިޔަ ކަމަށެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ޒަރީރު ނިޔާވިއިރު ސިއްޙީ ގޮތުން ބޮޑު މައްސަލައެއް ހުރި ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް މައިބާދޫ ކައުންސިލުން ވިދާޅުވިއެވެ.
ލ. މައިބާދޫ ކައުންސިލަކީ ކައުންސިލުގެ ރައީސް ހިމެނޭހެން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލުގެ މެންބަރު ކަމަށް ޒަރީރު އިންތިޙާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ
ހަސަން ޒަރީރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަމުގައެވެ.