އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ހުރިހައި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާހައުލެއް ގާއިމް ކޮށްދޭންޖެހޭ ކަމަށެވެ. އެއިރުން އޭގެ ހެޔޮ އަސަރު މުޖުތަމައުއަށް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.