English Edition
Dhivehi Edition
އައްޑޫ މޫލެކެޑެ، ފިށިމަތި

އައްޑޫ ސިޓީ ހިތަދޫ އުތުރުފަރާތު މޫލެކެޑެ ސަރަހައްދުގައި މިހާރު ވެސް މަގެއް އޮތްއިރު ހިއްކާނުލައި ފަރުނުޖެހިގެން އުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މޫލެކެޑެގައި ދިރިއުޅޭ މީހުން ވަނީ އެ ސަރަހައްދުގެ ފެން ސަކަރާތްވެ، އެ ސަރަހައްދުން ނުބައިވަސް ދުވާތީ ކަންބޮޑުވުން ފާޅުކޮށް ބިން ހިއްކައި ދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

މޫލެކެޑެ ފަށިމަތި ސަރަހައްދު ހިއްކުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން އަންނައިރު ނަޝީދު ވިދާޅުވީ ހިތަދޫ ފިށިމަތި ސަރަހައްދަކީ ކުދި މަހާއި، ކަކުންޏާއި، ޑިނގާ ފަދަ ދިރުންތަކުގެ ނާސަރީ އެއް ކަމަށެވެ. މިހާރުވެސް އެ ސަރަހައްދުގައި މަގެއް އޮތްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ފިށިމަތި ހިއްކާނުލާ ފަރު ނެޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ވެށި ހަލާކު ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކުމަކީ ގޯހެއް ކަމަށެވެ.

ސަރުކާރުުން މި ސަރަހައްދު ހިއްކަން އުޅެނީ ލިންކް ރޯޑަކީ، އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިޖަހައި، ފެން ހިންދުމުގެ ނިޒާމް ގާއިމުކުރުމާ، ކަނޑުފާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.