ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ އަމާން ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވިގެންކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ލަޔާގަތާއި ގާބިލުކަން އެމަގުން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މިގައުމުގެ އިގްތިސާދުވެސް ކުރިއަށްދާނެ. އެހެންވެއްޖެނަމަ އިގްތިސާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުން” ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ އިސްލާމީ އަރަބި ގައުމުތަކުން ތަރައްގީ ހާސިލުކުރާގޮތަށް ބަލާއިރު، މިއީ އެ ގައުމުތަކުންވެސް ކަންކަން ކުރަމުންދިޔަ އަދި ކުރަމުންދާވެސް ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވާހަކަފުޅުގައި، ގައުމިއްޔަތު ހިމާޔަތްކުރެވި، އިސްލާމީ ވަހުދަތު ކަށަވަރުކުރެވި، ގައުމު އިގްތިސާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، މި ގައުމުގައި ވަރުގަދަ އަސްކަރިއްޔާއެއް، ގައުމީ ދިފާއީ ބާރުގައި ގާއިމުވެފައިވާ އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންސާނީ ވަސީލަތް ގާއިމުކުރުމުގެ ގޮތުން މި ކުރެވޭ ކަންކަމަކީވެސް އެގޮތަށް ކުރެވޭ ކަންކަން ކަމަށާއި މި މަރުކަޒުގައިވެސް ދާދި އަވަހަށް ޓްރެއިނިންގ ފެސިލިޓީ ގާއިމުކުރެވި، ތަމްރީނުތައް ފެށިގެންދާނެ ކަމަށެވެ. މީގެއިތުރުން ގިރިފުށީގައިވެސް ބިންހިއްކުމާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގިރިފުށީގެ އިތުރަށް މާފިލާފުށީގެ ތަރައްގީގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ހާމަކުރައްވައި ރައީސް ވަނީ ނޭޝަނަލް ސަރވިސް ޕްރޮގްރާމު ފެށި، އެ ޕްރޮގްރާމުގައި އަންނަ އަހަރު ބައިވެރިވާ ކުދިންގެ ޢަދަދު އެތައް ގުނައަކުން އިތުރުވާނެކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މާލޭގައި ހުރި އެކި މަރުކަޒުތަކުގައި އިމާރާތްތައް ގާއިމުކުރުންފަދަ ކަންކަމަށް، މިއަންނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ކުރައްވަމުންގެންދަވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ބިނާކުރެވޭ، ގާއިމުކުރެވޭ، ވަރަށް މުހިންމު ކަންކަމުގެ ގޮތުގައި ގަބޫލުފުޅުކުރެއްވޭތީ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކާމިޔާބުވެގެންދިއުން ވާނީ، ދިވެހިރާއްޖެ މިނިވަން، މުސްތަގިއްލު، ތަރައްގީ ހާސިލުވަމުންދާ، ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރައްވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް ކަމުގައި ވިދާޅުވެ ރައީސް ވަނީ، ދެހާސް ސާޅީސް ވަނަ އަހަރާއި ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހަމަ ޔަގީނުންވެސް ގައުމުގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެންކަމުގައި ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަންނަ އަހަރަކީ އަސްކަރިއްޔާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިންގަވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އަސްކަރިއްޔާގެ އެއަރ ކޯރއަށް އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމާއި އަދި އެފަދަ ގިނަ ކަންކަން ކުރައްވަން ރާއްވަވާފައިވާ އަހަރެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ސައިބަރ ވޯފެއަރއަށް ގައުމީ ދިފާއީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އީކޯސިސްޓަމެއް ގާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ހުރިހާ ގޮތަކުންވެސް ވަށާޖެހޭ މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް ގައުމު ހިމާޔަތްކޮށް، ގައުމު ދިފާއުކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް، މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ތަނަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވައި، ޚިދުމަތް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެސަރަހައްދު ބައްލަވާލައްވައި، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި ސިމިއުލޭޓަރ ރޫމް ބައްލަވާލައްވައި، ގްރޫޕް ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.