English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގެ މިއަދު ކުޅޭނެއެވެ.

މި މެޗުގައި ބައްދަލުކުރާނީ ފޭދޫ ދެ ޓީމް ކަމަށްވާ ޔުނައިޓެޑް ފްރެންޑްސްއާއި، މެޖެންޓާއެވެ. މި ދެޓީމްގެ ތެރެއިން ޔުނައިޓެޑް ފްރެންޑްސް ސެމީއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޖުމްލަ 12 ޕޮއިންޓާއެކުގައެވެ. މެޖެންޓާ ސެމީއަށްދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދު ހަވީރު ފޭދޫ ފުޓުބޯޅަދަނޑުގައި ކުޅޭ މެޗު މި މެޗު ބަލަށްދާ މީހުންނަށް ހަދިޔާ ބެހުމަށްވަނީ ހަމަޖެހިފައެވެ. އެއީ މުބާރާތުގެ މައި ސްޕޮންސަރު ހެޕީމާކެޓުން ވިއްކ ހާޝީޒް ބްރޭންޑްގެ ހަދި ޕެކެޓެކެވެ. އެ ހަދިޔާ ލިބޭނީ ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ބަލަން އަންނަ މީހުންނަށެވެ. “ސެމީފައިނަލްގެ ދެމެޗާއި ފައިނަލް މެޗު ބަލަން އަންނަ ސަޕޯޓަރުންނަށް ހެޕީ މާކެޓުންވަނީ ހާޝީޒް ގިފްޓް ޕެކެއް ހުށަހަޅައިފައި. އެހެންވީމާ އެއްވެސް މީހަކު އެ ހަދިޔާ ދޫކޮށްގެން ނުވާނެ. ހަދިޔާ ޕެކެޓް ލިބިގަތުމަށްވެސް މެޗު ބަލަން ދަނޑަށް އަންނަންވާނެ،” މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށްއުޅޭ އެކަކު ކަމަށްވާ އަލީ ހަނީޒް (ބޮއްކާ) ބުންޏެވެ.

މިއަދުގެ މެޗަށް ދެޓީމުންވެސް ނުކުންނަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރުމަށެވެ. ދެޓީމުންވެސް ބުނެފައިވަނީ ބޭނުންވަނީ އެއްކޮޅުން ފައިނަލް ކުޅެ ތަށި އުފުލާލަން ކަމަށެވެ. މިއީ އެއްރަށަކަށް ނިސްބަތްވާ ދެ ޓީމަށްވުމުން މެޗުގެ ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑިއާ ޕާޓުނަރަކީ އޭއޯ ނިއުސް އެވެ.