English Edition
Dhivehi Edition

އުރީދޫގެ ޓެލެކޮމް ތަޖުރިބާ ފެންނަ އާ ކެމްޕެއިނެއް އިއްޔެ ފަށައިފިއެވެ.

އުރީދޫއިން ބުނީ އާ ކެމްޕެއިންގައި، ކުންފުނީގެ ޚިދުމަތް ލިބުމުގައި އާއްމުންނަށް ދިމާވާ ބައެއް ދަތިތައް މަޖާ ކެރެކްޓާތަކެއްގެ އެހީގައި ދައްކުވައިދީ އެ މައްސަލަތަކަށް އޮތް ހައްލުތައް ދައްކުވައިދޭނެ ކަމަށެވެ. މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓަރ ތައްޔާރު ކުރެވިފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.

އަދި އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ، އަދި މުނިފޫހިފިލުވައިދޭ ގޮތްތަކަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މި ކެރެކްޓަރތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫނެވެ. މިއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓަރތަކެކެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން އެރުން ފަދަ ކަންކަން ދައްކުވައިދޭ ކެރެކަޓަރ ތަކެކެވެ.

މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީއަށް ޚާއްސަކޮށްފައި ވާއިރު، އުރީދޫ އަކީ އެންމެ ރަގަނޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކްކަން ސިފަކުރެއެވެ.

“ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ފޯރުކޮށްދެމުން . މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެއް” އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވިއެވެ.

މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވެއެވެ.

ބިލާލް އިތުރަށް ވިދާޅުވީ މި އިޝްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިޝްތިހާރަކަށް ވާނެކަމެވެ.