English Edition
Dhivehi Edition

އުރީދޫ ނޭޝަން ގޭމާސް ލޭންޑް، ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް އަގުހުރި ވަނަތަކާ އެކު ކުލަގަދަ ކޮށް ނިންމާލައިފިއެވެ.

މާލޭ އުސްފަސްގަނޑުގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިއު އެވެ.

އުރީދޫއިން ވިދާޅުވީ އެ ފެސްޓިވަލް ނިންމާލީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުން އެއްތަނަކަށް ގެނެސް ފޯރިއާއެކުގައި ކަމަށެވެ.

އެ ފެސްޓިވަލް ފެށުނީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުން ކަމަށާއި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފައި ކަމަށް އުރީދޫއިން ވިދާޅުވެއެވެ. އުރީދޫއިން ވިދާޅުވީ އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އެވޯޑް ދީފައިވާނެ ކަމަށެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔާ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރެވިގެންދިޔަ ކަމަށާއި ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަހީދު ވަނީ “އަލްޓިމޭޓް ޕްލޭޔާ”ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައި ކަމަށް އުރީދޫއިން ވިދާޅުވެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީ ސްޕޯޓްސްއާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަންއިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފުކުރައްވާފައެވެ.

“ގޭމިންއާއި އީސްޕޯޓްސްއަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގޭމާސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،” ރާފިއު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތު ތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.