English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ނިޔާވެފައިވަނީ ސ. ހިތަދޫ ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ..

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ ދެމީހުންވެސް ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ގެ ހުންނަނީ ހިތަދޫގެ ޓޫރިޒަމް ޒޯނުގައެވެ. އަދި އެ ގެ ހެދުމަށް ފަހު، އެ މީހުން ގެއަށް ބަދަލުވީ ގާތްގަނޑަކަށް ތިން ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ޚަބަރެއް ނުވެގެން، މިއަދު ގެޔަށް ވަންނަން ޖެހުނީ ޓިނު ނަގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.