ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު ދަސްވެނިވީ އޮކްޓޫބަރު 31، 2024 ގައެވެ. އެކަމަކު، އެ ދަރިވަރުންނަށް ޚިދުމަތަށް ނުކުމެވެނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުމަށް ފަހުގައެވެ. އައިޖީއެމްއެޗުން އިއްޔެ ވަނީ އެ ދަރިވަރުންގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާކަން އިއުލާނުކޮށްފައެވެ.
ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކުރަން ހުއްދަ ދިނީ 2017 ވަނަ އަހަރެވެ. އެ ތަނުގައި ކިޔަވައިދޭން ފެށީ 2019ވަނަ އަހަރެވެ. ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ވަނީ އަލަށް ޚިދުމަތަށް ނުކުންނަން ތައްޔާރުވި 20 ޑޮކްޓަރުންނަށް މަރުހަބާ ކިޔާފައެވެ. އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން އެ ޑޮކްޓަރުން ތައްޔާރަށް ތިބި ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަން އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ.