ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސުތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފިއެވެ.
އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައްވަނީ އެއްކޮށްފައެވެ.
އުރީދޫ އިން ބުނީ މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
“އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެއް. އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދޭ ކަމެއް.”
މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވެފާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ. މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ “ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް” އެވެ.