މި ރޯދަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އީ-ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 11:59 ގައި ހަމަވާނެއެވެ. އުރީދޫ ރާއްޖެ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ވިދިވިދިގެން ދެވަނަ އަހަރު ބާއްވާ މި ފެސްޓިވަލަކީ ޒުވާނުންގެ މެދުގައި ގޭމިން ސަގާފަތެއް ކުރިއަރުވައި، ރޯދަ މަހު ޑިޖިޓަލް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
މި ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އީއޭއެފްސީ އަދި ޓެކެން މުބާރާތުގައި ބައިވެރިވުމަށް އަދިވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ދެ މުބާރާތް ކުރިއަށް ގެންދާނީ ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައެވެ. ނަމަވެސް، އޮންލައިންކޮށް ބާއްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް މުބާރާތުގެ ރަޖިސްޓްރޭޝަން ވަނީ މިހާރު ނިމިފައެވެ. މި މުބާރާތްތަކުގެ ބޭނުމަކީ ރާއްޖޭގެ ގޭމަރުންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އުރީދޫއިން ބުންޏެވެ.
މުބާރާތްތަކުގެ އިތުރުން، ޔޫތު ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ގޭމިން ތަޖުރިބާތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބީޓް ސޭބާ، ރޭސިން ސިމިއުލޭޓަރު އަދި ނިންޓެންޑޯ ސްޕޯޓްސް ފަދަ ތަފާތު އިންޓަރެކްޓިވް ގޭމްތައް ކުޅުމުގެ ފުރުސަތު އެތަނުން ލިބިގެންދާނެއެވެ. ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން ޒުވާނުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.