އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިންގެ ދަށުން، 15 ވަނަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ފަހަރުގެ ލަކީޑްރޯއިން ހޮވުނު ނަސީބުވެރިޔަކީ ބ. ކެންދޫ، އަލީ ރިޒާއެވެ.
މިކަން އިއުލާންކުރުމަށް ބޭއްވި ހަރަކާތެއްގައި، އަލީ ރިޒާއަށް ލިބުނު އުމްރާ ދަތުރުގެ އިނާމާ އޭނާގެ ފަރާތުން ހަވާލުވީ ރައީން ކިޔާ ފަރާތެކެވެ. އުރީދޫއިން ވަނީ އަލީ ރިޒާއަށް މަރުހަބާ ކިޔައި، މި މާތް އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އުފާފާޅުކޮށްފައެވެ. މި ކެމްޕެއިނަކީ އުރީދޫގެ 20 އަހަރުގެ ދިގު ތާރީހުގައި ކަސްޓަމަރުން ދެއްވި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ފަށާފައިވާ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 20 ދުވަހަކުން ނަސީބުވެރި ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 19 ފަރާތަކަށް މި ފުރުސަތު ލިބޭނެއެވެ. އަދި ކެމްޕެއިންގެ އެންމެ ބޮޑު އިނާމަކަށް ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން، 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް-އޮން ނަގާ ފަރާތްތައް އޮޓަމެޓިކުން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް 400 ރުފިޔާއިން މަތިން ހިދުމަތް ހޯދުމުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.