މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ” ރައްކާ ރޯޑް ޝޯވ” ގއ. އަތޮޅުގައި ފެށުމަށް ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމް އެއަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 އިން 19 އަށެވެ.
ފުލުހުން ބުނީ ރައްކާ ރޯޑް ޝޯވ އެކި ޕްރޮގްރާމްތައް 9 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެރަށްތަކަކީ ގއ. ވިލިނގިލި، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ދާންދޫ، މާމެންދޫ، ނިލަންދޫ، ކޮލަމާފުށި އަދި ދެއްވަދޫއެވެ. ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުރަތަމަ ހަރަކާތްތައް އޮކްޓޯބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ. އެގޮތުން އެދުވަހު އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހަރަކާތުގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ތެރެއިން ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިިންގުމަށް ހަމަޖެހިފައިވާ ސެޝަން، ފަހިރާސްތާ ޕްރޮގްރާމް، ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ވޯކް އެންޑް ޓޯކް ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި ރޯޑް ސޭފްޓީ ހިނގާލުމަކާއި މަސްރޭހަކާއި ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. “މި މަގުތައް އަމާންކުރަނާން” މި ޝިއާރުގެ ދަށުން ގއ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑްޝޯވ އޮކްޓޫބަރު 19 ވަނަ ނިންމާލުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ އެޕްރިސިއޭޝަން ޑިނަރއަކުންނެވެ. ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. އެގޮތުން އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ ހިމެނެއެވެ. އަދި ގއ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާ ގުޅިގެންނެވެ.