ގދ. ތިނަދޫގައި ކުއްލިއަކަށް މަގުމައްޗަށް ނުކުތް ކުޑަކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުމުން ވެސް، ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް ކަމަށާއި މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫ އާބާދީ ހިނގުމުން މިއުޒިއަމް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އުމުރުން ހަ އަހަރު ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އިއްޔެ އިރުއޮއްސުއިރު ވަގުތު ހިނގި އެ އެކްސިޑެންޓުގައި ކުއްޖާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނީ ކުއްޖާ ގެނައިއިރު ވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.
މި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން ދާއިރު ވީޑިއޯ އިން ފެންނަނީ ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ އެކަނި މަގު ހުރަސްކުރަން އުޅެނީ ބަޔަކު އެ ކުއްޖާ ކައިރީގައި ތިއްބައެވެ. އެކަމަކު އެއީ އެ ކުއްޖާއާ އެކު ތިބި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. އެކްސިޑެންޓުވެ ކުއްޖާ ވެއްޓުމާ އެކު އެ މީހުން ދުވެފައި ގޮސް ކުއްޖާ ނަގައެވެ.
އެ އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.