ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދް ފްލޯޓިއްލާއަށް، އިސްރާއީލުން ހަމަލާދީ ހުރަސްއެޅުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، މިއީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި، އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރުކުރުމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފުކަމެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އިސްރާއީލުން ކެނޑިނޭޅި އިންސާނީ ކަރާމާތަށް އަރައިގަތުމުގައި އެއްވެސް ހައްދެއް ނެތްކަމަށާއި، ރަޙުމާއި ހަމްދަރުދީ އެއްފަރާތްކޮށް އިސްރާއީލުން ހިންގާ މިއަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލު ބާކީވެގެންދާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިފުރުސަތުގައި ރައީސް ވަނީ، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ޖަރީމާތަކާއި މެދު ޖަވާބުދާރީކުރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ހައްގުތައް ކަށަވަރުކުރުމާއި، ސުލްޙަ އާއި އަމާންކަން ހޯދުމުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވާފައިވެއެވެ.