އައްޑޫސިޓީގެ ހަންކެޑޭގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. ހަންކެޑޭގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ނިންމެވުމާ ގުޅިގެން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް އެ ސަރަހައްދު ކުއްޔަށް ދިނުމަށް ޑިސެންބަރު 2، 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، ވަނީ އުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށަށް މިހާރު ވަނީ ބަދަލުވެފައެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގާ ސަރަހައްދުތަކެއްގެ ގޮތުގައި ސަރުކާރުން ހަންކެޑެ ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.