English Edition
Dhivehi Edition

ހާޝީޒް ފޭދޫ ސޮކަކަޕް 2018 ފުޓުބޯޅަ މުބާރާތުގައި މިއަދު މަރަދޫ އެފްސީއާއި، ފޭދޫ ޔުނައިޓެޑް ފްރެންޑްސް ކުޅުނު މެޗުގެ ފުރަތަ ހާފުގެ ކުޅުން ފުރިހަމަ ކުރުމަށްފަހު މަރަދޫ އެފްސީ މެޗު ނުކުޅެ ހުއްޓައިލައިފިއެވެ.

މެޗު ފުރިހަމަނުކޮށް އެޓީމުން ހުއްޓާލީ މެޗުގެ ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެންނެވެ. ފޭދޫ މެޖެންޓާއި ހިތަދޫ މައިލޯސިޓީ އެފްސީ އިއްޔެ ކުޅުނު މެޗުގައި މައިލޯސިޓީގެ ކުޅުންތެރިއަކަށް ރެފްރީ ރަތްކާޑު ދެއްކުމުން އެކަމާ ހިތްހަމަނުޖެހިގެން އެޓީމްވެސް ވަނީ މެޗު ފުރިހަމަނުކޮށް ހުއްޓާލައިފިއެވެ.

މަރަދޫ އެފްސީއާއި ޔުނައިޓެޑް ފްރެންޑްސް މިއަދު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ކުޅުން ނިމުނުއިރު ޔުނައިޓެޑް ފްރެންޑްސްއިންވަނީ 3 ލަނޑު ޖަހައިފައެވެ. އެ ތިންލަނޑުވެސް ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަންބަރު 22 އަހުމަދު އަތީފެވެ. އޭނާ މިލަނޑުތައް ޖަހައިފައިވަނީ މެޗުގެ 14 ވަނަ މިނިޓާއި، 16 ވަނަ މިނިޓާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.

މަރަދޫ އެފްސީ މެޗުނުކުޅެ ހުއްޓައިލުމުން ޔުނައިޓެޑް ފްރެންޑްސްއަށްވަނީ 3 ޕޮއިންޓް ލިބިފައެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް ފްރެންޑްސް ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު 4 މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމްވަނީ ގްރޫ އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. ދެވަނަ ބުރުގެ ފަހުމެޗުގައި މާދަމާ ބައްދަލުކުރާނީ ހިތަދޫ ނެކްސަސްއާއި، ފޭދޫ މެޖެންޓާއެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.

މި މުބާރާތުގެ ސެމީގެ ޖާގަތައް މިހާތަނަށް ކަށަވަރު ކޮށްފައިވަނީ ޔުނައިޓެޑް ފްރެންޑްސްއާއި، މެޖެންޓާއި، މަރަދޫފޭދޫ އެފްސީ އެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކުޅޭނީ މިމަހު 23 ވަނަ ދުވަހުއެވެ. ސެމީގެ ދެވަނަ މެޗުކުޅޭނީ މިމަހު 24 ވަނަ ދުވަހުއެވެ. ފުރަތަމަ ދެމީގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަޓީމާއި ގްރޫޕް ބީ ގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނައާއި ގްރޫޕް އޭ ގެ ދެވަނައެވެ. ފައިނަލްކުޅޭނީ މިމަހު 26 ވަނަ ދުވަހުގައެވެ.