ފ. ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ނިލަންދޫން ކުޑަކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ 10:15 ހާއިރެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން އޭރު ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއްނުވާ ކަމަށެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ފެނުނީ ރޭ މެންދަމު 2:40 އެހާކަންހާއިރު ކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ ފެނުނީ ވަލު ސަރަހައްދުން ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކައިރިން ކަމަށެވެ. ކުއްޖާ ފެނުނު އިރު އޭނަގެ ހާލު ރަނގަޅު ކަމަށާއި އަދި ރަށު ހޮސްޕިޓަލަށް ބަލައި ގެންގޮސް ބެލިބެލުމުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.