English Edition
Dhivehi Edition

ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑް މިފަހަރު އިންޑިއާގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު މި އިވެންޓަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ މަހާރަޝްތްރާ ސްޓޭޓްގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ދީފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގެ 2018 ވަނަ އަހަރުގެ އެވޯޑު ހަފްލާ އިންޑިއާގައި ބާއްވާނެ ތަނެއް ކަނޑައެޅުމުގެ ގޮތުން ސަޓާ އެވޯޑުގެ ޓީމެއް މިހާރު ވަނީ އިންޑިއާއަށް ގޮސްފައެވެ. އަދި މި ޓީމުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެކި ބޭފުޅުންނާ ބައްދަލުކޮށް ސަޓާ އެވޯޑު ބާއްވާނެ ތަނަކާ ބެހޭގޮތުން މަޝްވަރާތައް ކުރަމުންނެވެ.

މިގޮތުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކޮށް ސަޓާ އެވޯޑާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގައި އެ އެވޯޑު މުމްބާއީގައި ބާއްވަން އެ ކޯޕަރޭޝަނުން ފުރިހަމަ އެއްބާރުލުންދީ ސަޓާ އެވޯޑަށް މަރުހަބާ ކިޔާ ކަމަށް މެނޭޖިން ޑިރެކްޓަރ ވިޖޭ ބީ ވަޤްމަރ ވަނީ ވިދާޅުވެފައެވެ.

“އިންޑިއާގައި ސަޓާ އެވޯޑު ބާއްވާނެ ތަނެއް އަދި ކަނޑައެއް ނާޅަން.މުމްބާއީގައި އިވެންޓު ބާއްވާނަމަ އެފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށް އެމްޓީޑީސީން ބުނެފައިވަނީ ” އިއްސެ ވިދާާޅުވިއެވެ.

ސަޓާގެ ފައުންޑަރ އިސްމާއިލް ހަމީދު (އިއްސެ ) ވިދާޅުވީ އިންޑިއާގައި ކުރިއަށްގެންދާ އެންމެ ބޮޑު ފެއާކަމުގައިވާ އައުޓްބައުންޑް ޓްރެވަލް ފެއާ (އޯޓީއެމް) އަށް ޒިޔާރަތްކޮށް ބޫޓާންގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރާވެސް ސަޓާ ޓީމުން ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ސަޓާ 2020 ބޫޓާންގައި ބޭއްވުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް މަޝްވަރާތައް ކުރައްވާފައިވާކަމަށް އިއްސެ ވިދާޅުވިއެވެ.

ސަޓާ އެވޯޑަށް އޮންލައިންކޮށް ނޮމިނޭޓްވުމުގެ ފުރުސަތު އަންނަ މާޗް 15 އާ ހަމައަށް ހައިރައިޒުން ހުޅުވާލާފައިވާއިރު ރާއްޖޭއާއި ރާއްޖޭން ބޭރުގެ ނަންމަޝްހޫރު ހޮޓާތަކާއި ކުންފުނިތައް ދަނީ ނޮމިނޭޝަނުގައި ބައިވެރިވަމުންނެވެ.

ސަޓާ 2018 ގެ ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ. ދެވަނަ އިވެންޓް 2017 ވަނަ އަހަރު ބާއްވާފައިވަނީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައެވެ.