އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ގުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ހާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަމާއި، އުންމީދާއި ޝިފާ ހޯދައިދިނުމަށްޓަކައި އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހަޅައި، ފުރާނައިން ގުރުބާންވި އިންސާނީ އެހީތެރީންގެ ޛިކުރާ އާކުރައްވާފައެވެ.
މި ވޭތުވެދިޔަ ދެތިން އަހަރަކީ، ފަހުގެ ތާރީހުގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ހާލަތްތަކުގައި އިންސާނީ އެހީތެރިން ހަރަކާތްތެރިވާން ޖެހިފައިވާ އަހަރުތައްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންނަށް އަމާޒުކުރާ ފުރައްސާރަ އާއި މަރުގެ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު އެހީފޯރުކޮށްދިނުމުގެ ފުރުޞަތު ނުލިބުމުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އިތުރުން، ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ އަސާސީ ޚިދުމަތްތަކުންވެސް އެ ރައްޔިތުން މަޙުރޫމުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނީ އެހީތެރިކަން ދޭ ފަރާތްތަކުގެ ހިތްވަރާއި އޯގާތެރިކަމަކީ، ޙަޤީޤީ މާނައިގައި ޚިދުމަތްކުރުމާއި އެއްބާރުލުންދިނުން ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރީންގެ މަސައްކަތް ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ. އެ ފަރާތްތަކުގެ ހިތްވަރުގެ ސަބަބުން، ޢަބުރުވެރި، އަމާން އަދި އިންސާފުވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތާއި އިންސާނިއްޔަތުގެ ބާރު ދައްކުވައިދޭކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އިންސާނިއްޔަތުކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ޙިޔާދިއްޔަތާއި މިނިވަންކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ މަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އޯގާތެރިކަމާއި، އިންސާފާއި އަމާންކަމުގެ ތަރަހައިގެ މަތީގައި މިއަށްވުރެ ހަރުދަނާ ދުނިޔެ އެއް ބިނާކުރުމަށް އޮތް ޖަމަވީ ޒިންމާގެ މަތިން ހަނދާންކޮށްދެއްވައި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުންދިނުމަށް ގޮވާއްލައްވަމުންނެވެ. އިންސާނީ އެހީތެރިންނަށް އެއްބާރުލުންދެއްވާކަން ހާމަކުރައްވައި އެ ފަރާތްތަކުގެ ޤުރުބާނީގެ ޛިކުރާ އާކުރެއްވުމުގެ ގޮތުން، ރައީސް ވަނީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅޭ ޕޯސްޓެއް، އެކްސް ގައި ވެސް ހިއްސާކުރައްވާފައެވެ.