English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ނިއުޒީލެންޑުގެ ގައުމީ ދުވަސް، ވައިޓަންގީ ޑޭގެ މުނާސަބަތުގައި އެ ގައުމުގެ ތަރައްގީއާއި ހަމަޖެހުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ވަނީ ނިއުޒީލެންޑުގެ ގަވަރުނަރު ޖެނެރަލް ޑޭމް ސިންޑީ ކީރޯއަށާއި، ޕްރައިމް މިނިސްޓަރު ކްރިސްޓޮފާ ލަކްސޯންއަށް ވަކިވަކިން ހެޔޮއެދުމުގެ މެސެޖު ފޮނުއްވާފައެވެ.

ގަވަރުނަރު ޖެނެރަލަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ނިއުޒީލެންޑުގެ ބިންގާ ކަމުގައިވާ “ޓްރީޓީ އޮފް ވައިޓަންގީ” ގެ މައިގަނޑު އަސާސްތަކަކީ އެއްބައިވަންތަކަމާއި އިހުތިރާމް ކުރުން ކަމަށެވެ. އަދި މި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އެ ގައުމުގެ ގައުމިއްޔަތު ފާހަގަކުރައްވައި، ރާއްޖެއިން އަބަދުވެސް އެކުވެރިކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޕްރައިމް މިނިސްޓަރު ކްރިސްޓޮފާ ލަކްސޯންއަށް ފޮނުއްވި މެސެޖުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ. އަދި ނިއުޒީލެންޑުން ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުތަކުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި، އުފާވެރިކަމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެސް ރައީސް ވަނީ ވައިޓަންގީ ޑޭ އަކީ ގައުމީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނިއުޒީލެންޑުގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ.