English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މަރަދޫ އެފްސީއާއި މަރަދޫފޭދޫ އެފްސީއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗު 1-0 އިން ކާމިޔާބުކުރީ މަރަދޫފޭދޫ އެފްސީއެވެ. ފެޗުގެ ފަށައިގެން 6 ވަނަ މިނިޓުގައި މަރަދޫފޭދޫ އެފްސީއަށް ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 6 މުދައްސިރު އަބްދުﷲ އެވެ. މި ލަނޑަށްފަހު ދެޓީމުންވެސް ރަނގަޅު ކުޅުމެއްކުޅެ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ މިނަތީޖާގައި އޮވެގެންނެވެ.

މަރަދޫފޭދޫގެ ލީޑު ފުޅާކުރުމަށް ފަހު ހާފުގައި އެޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެހެންނަމަވެސް އެ ޕެނަލްޓީ އެޓީމުގެ ޖާޒީ ނަންބަރު 7 މުހައްދު ޖައިލަމް ޖެހުމުން ހުރަސް ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިއާ މުދައްސިރުއަބްދުﷲ އެވެ. މޭން އޮފްދަމެޗުގެ ޓްރޮފީއާއި މެއިން ސްޕޮންސަރ ހެޕީމާކެޓުން ދެއްވި ހާޝީޒް ގިފްޓް ޕެކް އޭނާއާ ހަވާލުކޮށްދެއްވީ މިއަދުގެ މެޗުގެ ޝަރަފްވެރި މެހުމާން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމެވެ.

މި މުބާރާތުގައި މަރަދޫފޭދޫ ކުޅުނު 4 މެޗުގެ ތެރެއިން މޮޅުވެފައިވަނީ މިއަދުގެ މެޗުން އެކަންޏެވެ. އެޓީމް ފުރަތަމަ ބައްދަލުކުރީ މަރަދޫ އެފްސީއާއެވެ. އެމެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ފްރެންޑްސްއާއެވެ. އެ މެޗުން އެޓީމްވަނީ 3-1 އިން ބަލިވެފައެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީވެސް ޔުނައިޓެޑް ފްރެންޑްސްއާއެވެ. އެ މެޗުންވެސް ބަލިވީ 3-1 އިންނެވެ. މިއަދު ކުޅުނު ހަތަރުވަނަ މެޗުން ލިބުނު ތިންޕޮއިންޓާއެކު އެޓީމަށްވަނީ ޖުމްލަ 4 ޕޮއިންޓް ލިބިފައެވެ.

މަރަދޫ އެފްސީން މިހާތަނަށް ކުޅެފައިވާ ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ފުރަތަމަ ބުރުގައި މަރަދޫފޭދޫ އެފްސީއާ އެއްވަރު ކޮށްގެން ލިބުނު ޕޮއިންޓެވެ. އަނެއް ދެމެޗުންވަނީ ބަލިވެފައެވެ. އެ ޓީމުގެ ހަތަރުވަނަ މެޗަށް ނުކުންނާނީ ޔުނައިޓެޑް ފްރެންޑްސްއާ ދެކޮޅަށް މާދަންނޫން އަނެއްދުވަހުއެވެ. ސެމީގެ ފުރުސަތެއް މަރަދުއަށް ދެންއޮތީ ޔުނައިޓެޑް ފްރެންޑްސް ބަލިކޮށްގެންނެވެ. ޔުނައިޓެޑް ފްރެންޑްސް އަތުން މަރަދޫ މޮޅުވެއްޖެ ނަމަށް ޕޮއިންޓުގެ ގޮތުން މަރަދޫފޭދޫ އެފްސީއާ އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން އެޓީމް ސެމީއަށްދާނެއެވެ. މަރަދޫއެފްސީއާއި ޔުނައިޓެޑް ފްރެންޑްސް ފުރަތަމަ ކުޅުނު މެޗުން މަރަދޫ އެފްސީ ބަލިވީ 2-0 ލަނޑުންނެވެ.

މުބާރާތުގައި މާދަމާ ކުޅޭމެޗުގައި ބައްދަލުކުރާނީ ފޭދޫ މެޖެންޓާއި، ހިތަދޫ މައިލޯ ސިޓީ އެފްސީއެވެ. މި ދެޓީމް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު 1-0 އިން މޮޅުވީ މެޖެންޓާއެވެ.

މި މުބާރާތަކީ ދިފޭދޫ ސްޕޯޓްސްއާއި، ފޭދޫ ޒުވާނުން ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.