English Edition
Dhivehi Edition
ރައީސް މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ދައުލަތާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް އެފަދަ މަޝްރޫއުތައް ބައްޓަންކޮށް، ލާމަރުކަޒީކޮށް ހިދުމަތްދިނުމަކީ އެމަނިކުފާނާ އަދި ސަރުކާރުގެ ފަލްސަފާކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައްޔިތުންގެ ގާތަށް އެމަނިކުފާނާއި، ކެބިނެޓް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވަޑައިގެން، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވައިގެން ކަމަށެވެ. އަދި، އެމަނިކުފާނާއި، ދައުލަތުގެ ފަލްސަފާއަކީވެސް އަދި ގަބޫލުފުޅުކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ހިދުމަތް ދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ހިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ ނިޒާމެއްކަމުގައި ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިޚްލާޞްތެރިވުމާއި އަމާނާތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ޤާނޫނީ އިޞްލާޙްގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެފަދަ އިސްލާހެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށްކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކެންދޫގެ ތަރައްގީ ފުރިހަމަކުރުމަށް 10 ވަޢުދެއް ވެވަޑައިގެންފައިވާނޭ ކަމަށާއި އެކަންކަމާއި އަދި އިތުރު ވަޢުދުތައް ފުރިހަމަކުރެއްވުމުގައި ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި، ރަށަށް ބޭނުންވާ ސިއްހީ، ތައުލީމީ، އަދި ކުޅިވަރުގެ މަޝްރޫޢުތައް ރޭވިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.