English Edition
Dhivehi Edition

މަސްވެރިންނަށް ފަސޭހައިން ފެން ފޯރުކޮށްދިނުމަށް އައްޑޫސިޓީ ހިތަދޫ ބަނދަރާއި، މަރަދޫ ބަނދަރުގައި އައްޑޫސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ޕަމްޕް ސްޓޭޝަންތަކަށް ވަރަށް އަވަހަށް ކަރަންޓް ފޯރުކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެތަނަށް ކަރަންޓު ފޯރުކޮށް ދިނުމަށް ސިޓީކައުންސިލުން އެދިފައިވާ ކަމަށެވެ. “އެބޭފުޅުން (ސިޓީކައުންސިލް) ފެން ގުޅައިދިނުމަށްފަހު އެބައޮތް ކަރަންޓަށް އެދި ހުށަހަޅައިފައި. އަޅުގަނޑުމެން ކަރަންޓް ޕްރޮވައިޑް ކޮށްދޭނަން ހަމަ ބަރާބަރަށް،” ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަރަންޓް ފޯރުކޮށް ދިނުމަށް ގާތްގަނޑަކަށް އަދި ދެ ހަފްތާ ހޭދަވާނެ ކަމަށެވެ. މަސްވެރިންނަށް ފަސޭހައިން ފެންފޯރުކޮށް ދިނުމަށް އައްޑޫސިޓީ ކައުންސިލުންވަނީ ހިތަދޫ މައިބަނދަރަށް 8 ފެންއިސްކުރު ލައިފައެވެ. އެރަށު އުތުރު ބަނދަރަށް 4 އިސްކުރުވަނީ ލައިފައެވެ. މަރަދޫ ބަނދަރަށްވެސް އައްޑޫސިޓީ ކައުންސިލުންވަނީ ފެން އިސްކުރުލައިފައެވެ. މަރަދުއާއ ހިތަދޫ ބަނދަރަށް ފެން އިސްކުރު ލައިދީފައިވަނީ ވަސަން މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ. މަރަދޫ ބަނދަރަށް ފެންއިސްކުރުލައިފައި ވިޔަސް ލިންކުރޯޑުގެ ތާރުގަނޑު ނުކެނޑިގެން ފެންހޮޅިލައިން ވަޅުލުމަށް މަޑުޖެހުމެއް އައެވެ. އެހެންނަމަވެސް އެމްއާރުޑީސީން މިހާރުވަނީ މަރަދޫ ބަނދަރާ ދިމާއިން ލިންކް ރޯޑުން ތާރުގަނޑު ކަނޑައި ފެންހޮޅިލައިން ވަޅުލެވޭނެގޮތް ހަދައިފައެވެ. މިހާރުވަނީ ހޮޅިލައިން އަޅައި މަގުން ކެންޑިތަންވެސް ރަނގަޅުކޮށްފައެވެ. އައްޑޫސިޓީކައުންސިލުން ވިދާޅުވެފައިވަނީ ކަރަންޓް ލިބުނުހާ އަވަހަކަށް ފެންދޫކުރަން ފަށާނެކަމަށެވެ.