ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި ހިދުމަތް ދޭން ފަށައިފިއެވެ.
ހުޅުމާލެ ހުވަނދުމާ ހިނގުމުގައި، ހުޅުވި “އެސްޓީއޯ ފާމަސީ ސެންޓްރަލް”އިން އިއްޔެ ހިދުމަތް ދޭން ފަށާފައިވާއިރު އެ ފާމަސީ ގާއިމްކޮށްފައި ވަނީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައެވެ.
އެސްޓިއޯއިން ބުނީ އެ ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށް ދިނުންކަމަށެވެ. އަދި އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން އެ ފާމަސީއިން ވެސް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ އެ ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތް އެ ފާމަސީއިން ލިބެން ހުންނާނެކަމަށެވެ.