މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ އެތަނުން ވިއްކާ ފިޔާ ކިލޯއެއް 16ރ. އަށް އުޅޭ އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350ރ. އަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ލިބޭނެ އެވެ.
ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެސްޓީއޯއިން ވިދާޅުވީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ.
ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ.
އެސްޓީއޯއިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރުމަށްޓަކައި ސްޓޮކް ރާއްޖެއަށް ގެނެސްފަ އެވެ. މި ފެށޭ ހަފްތާގައި އެ ތަކެތި ބާޒާރުން ލިބޭނެ ކަމަށް އެެސްޓީއޯއިން ބުންޏެވެ. އެސްޓީއޯ އިން ވިއްކާ ކާށި ލިބޭނީ 5ރ. އަށެވެ.
އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.