English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރޯދައަށް ގެނައި ކާށި ޝިޕްމެންޓް މިއަދު އެސްޓީއޯއިން ވިއްކަން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ.

އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

“މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައެވެ. މި ކާށި 15 ފެބުރުއަރީގައި އަންނަ ހޮނިހިރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެއެވެ. އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.” އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯއިން ރޯދައަށް ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.