އިތުރު ބަދަލަކާ ނުލައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
އެ ބިލަކީ، ޤާނޫނު ނަންބަރު 722010 ދިވެހިއާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ދަށުން، ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް ބަދަލު ކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި، ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމިއްލަ ބާރުގައި އެކަން ނުކުރެވޭ ގޮތް ހެދުމެވެ.
ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، އެ އިސްލާހުތައް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.
އެ ކޮމިޓީގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ފިޔަވައި ދެން ތިބި ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް ކޮމިޓީން ދިން 24 ގަޑިއިރުގެ ފުރުސަތުގައި މަދަނީ ޖަމްޢިއްޔާ ތަކުންނާއި، ކައުންސިލްތަކުންނާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޒިކް ޕާޓީ (އެމްޑީޕީ) އަދި އާންމު ފަރާތްތަކުން ބިލަށް ޚިޔާލު ހުށަހެޅި ކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ޚިޔާލެއް ކޮމިޓީން ބަލައިގަނެފައެއް ނުވެއެވެ.
މި ބިލާ ދޭތެރޭ ވަރަށް ގިނަ ބަޔަކު، ވަކިން ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދުވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.