English Edition
Dhivehi Edition

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ،ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ތިންވަނަ ހަފްލާ ބާއްވާނެ ތަނެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ހަފްލާ އިންޑިއާގައި ބޭއްވުމަށް ނިންމާފައިވާއިރު ހަފްލާ ބާއްވާނީ އިންޑިއާގެ ކޮންތަނެއްގައި ކަމާމެދު މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށް ހައިރައިޒުން ބުނެއެވެ. އެގޮތުން ސަޓާގެ ޓީމެއް މިހާރު އިންޑިއާއަށް ގޮސް، ސަޓާ އެވޯޑު ބާއްވާނެ ތަނަކާއި ބެހޭގޮތުން މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށް ސަޓާގެ ފައުންޑަރ އިސްމާއިލް ހަމީދު (އިއްސެ ) ވިދާޅުވިއެވެ.

އިވެންޓު ބޭއްވުމާ ބެހޭގޮތުން އިންޑިއާގެ މަޝްހޫރު ޓާޖް ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްލޯބަލް ވައިސް ޕްރެޒިޑެންޓް ރެނޫ ބާސޫއާ އެކު ސަޓާގެ ޓީމުން އިއްޔެ ވަނީ ބައްދަލުކޮށްފައި ކަމަށް އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން ހަފްލާ ބާއްވާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް އިންޑިއާގެ އެހެން ފަރާތްތަކާއެކު ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ވިދާޅުވިއެވެ.

ސަޓާ އެވޯޑުގެ 3 ވަނަ ބުރުގެ ނޮމިނޭޝަން، ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާޗް 15އާ ހަމައަށް ހުޅުވާލާފައިވާ އިރު މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު، ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ވަނީ ހުޅުވާލާފައެވެ. ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ. ދެވަނަ އިވެންޓް 2017 ވަނަ އަހަރު ބާއްވާފައިވަނީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައެވެ.