ވެލާނާ އިންޓަނޭޝަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި އައްޑޫ ސިޓީ ފޭދޫ ހިމެނޭހެން ޖުމްލަ އަށް ތަނެއްގައި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު އެ ކުންފުނިން ބުނީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލެ، ހުޅުމާލެ އާއި ވިލިމާލެ އަދި އައްޑޫގައި އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ.
އެގޮތުން މާލޭގައި އާޓިފިޝަލް ބީޗް، ރާޅުގަނޑު ބްރިޖުވިއު ޕްލެޓްފޯމު، ލޮނުޒިޔާރަތް ޕާކް ބީޗް ސަރަހައްދު އަދި ރަސްފަންނު ހަމަޖައްސާފައިވާއިރު ހުޅުމާލެ ސެންޓްރަލް ޕާކް އަދި ފޭސް2 ހިޔާ ޕާކްއިން މި ރަސްމިއްޔާތު ބަލާލެވޭނެއެވެ. މީގެ އިތުރުން ވިލިމާލެ ފެރީ ޓާމިނަލް އަދި އައްޑޫ ފޭދޫ ބަނދަރުމަތީގައި މި ރަސްމިއްޔާތަށް ހާއްސަކޮށް ވަނީ ސްކްރީން ބަހައްޓާފައެވެ.
މިރޭ މާލެ ސަރަހައްދު ވަށައިގެން ކަނޑުގެ 16 ތަނެއްގައި 6 މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު 1،000 ޑްރޯން ހިމެނޭ ޑޮރޯން ޝޯއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.