ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފިއެވެ.
އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާ ވިޔަފާރިތަކާ ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންކަމަށާއި މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެކަމަށެވެ. އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ލިބުނު ފަހުރެއްކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ 2024 ވަނަ އަހަރު އޮކްޓޯބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައިވާކަމަށެވެ. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އިތުރަށް މުހައްމަދު ޝަރީފު ވިދާޅުވީ މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާ ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެކަމަށެވެ. “ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާ ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން ދެން” މުހައްމަދު ޝަރީފު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާއެކު، ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާއެވެ. ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދެމުން އަންކަން ފާހަގަކޮށްލެވެއެވެ.