ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ 182 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން “ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން” މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ބިންގާ އަޅައިދެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ އިސްވެރިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ “ލީސް-ޓު-އޯން” މޮޑެލްގެ ދަށުން، ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލޭގައި ޖުމްލަ 3260 ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މެދުފަންތީގެ އާއިލާތަކަށް ބޭންކު މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން އަދި އަމިއްލައަށް ތަނެއް ނުގަނެވޭ އާއިލާތަކަށް ސޯޝަލް ހައުސިން އިމާރާތްކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިން ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މި މަޝްރޫއަކީ ބޭންކުތަކާ ގުޅިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.