ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ސްޕޯޓްސް ސްކޮލަރޝިޕަށް ހޮވުނު ސާފަރު ސައްޔިދު، ބޭރުގެ ހަތަރު ގައުމެއްގައި ތަމްރީނުތައް ފުރިހަމަކުރުމަށް ފުރަން ތައްޔާރުވެއްޖެއެވެ. މި ސްކޮލަރޝިޕަކީ ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ބައިނަލްއަގުވާމީ ފެންވަރަށް ތަމްރީނުކުރުމަށްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ބޭންކުން ހުރިހާ ހަރަދެއް ދޭ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ މުބާރާތެއްގައި ވެސް އޭނާ ބައިވެރިވާނެއެވެ. ބޭންކުން ބުނި ގޮތުގައި، ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓެއް ވެސް މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދަށް ފޯރުކޮށްދޭނެއެވެ.
ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އެތުލީޓުންގެ ހުނަރު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް ޖުމްލަ 8 އެތުލީޓަކަށް މި ސްކޮލަރޝިޕްގެ ދަށުން ބޭރުގެ ހައި ޕާފޯމަންސް ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ދީފައިވެއެވެ. ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރާ މަސައްކަތް ފާހަގަކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ވަނީ ހާއްސަ އެވޯޑެއް ވެސް ލިބިފައެވެ.