English Edition
Dhivehi Edition

އާދައިގެ ދުވަހެއްގައި ދުއްވާލަން ނިކުމެ ކެނަރީފާ ދިމާލަށް ދުއްވާލީ އެސަރަހައްދު ހިތްގައިމުވީމައެވެ. ތާރުގަނޑު ކޮޅުނިމޭ ހިސާބުން ފްލެޓްބަރި ކުރިމައްޗަށް ވާގޮތަށް ހުރި ކެފޭއާ އަރާ ހަމަވިއިރު އެ ހިސާބު ވަނީ ދުމުން ފުރިފައެވެ.. ހުއްޓިލާފައި ބަލައިލިއިރު ކެފޭއާ ދިމާ ވަލުތެރޭން ބޮޑުއަލިފާން މަޅިއެއް ފެނެއެވެ. ވައި ހުރިގޮތުން ބޯ އަލިފާން ގަނޑުން އަންނަ ދުމާއި ބުރައިގެންދާ އަޅިތައް މިދަނީ ކެފޭގައި ސައި ބޯންތިބި މީހުނާ ދިމާލަށެވެ. ވައި އެނބުރެމުންދާ ގޮތުން ދުންތަކާ، އަޅި، ވީފަޅީގައި ތިބި ފްލެޓްތަކާ ހަމައަށް ފޯރަމުންދާތަން ފެނެއެވެ.

ދުމުގެ ވަސްޖެހުމާއި އެކު ކޮށިއަރައިގަތެވެ. އެ ސަރަހައްދުގައި ހުރި “ޒޭޑް ކެފޭ” ހިންގާ އެކަކީ ދަންނަ މީހެއްކަމުން އޭނާއާއި ސުވާލުކޮށްލާ ހިތްވިއެވެ. އޭނާ ބުނި ގޮތުން އެދިމާލަށް ކުނި ޖަމާކޮށް ފައިވަނީ ހުޅުދޫ ކައުންސިލުގެ ލަފާއާއި އެކު އެކުގަ ‘ކޮންމެވެސް’ ބައެކެވެ. ކުނި އަންދަނީ ކޮންބަޔަކުގެ ލަފާމަތިން ކަމެއް ސާފެއްނުވެއެވެ. ކެފޭ އަށް ދުންވަދެ އަޅި ބުރާތީ އުނދަގޫވެގެން ރަސްމީ ކޮށް ކައުންސިލަށް އެކަންތައް ހުއްޓުވުމަށް ލިޔެކިޔުމުންވެސް ހުށަހަޅާފައިވާނެ ކަމަަށް ކެފޭހިންގާ ފަރާތެއް ކަމަށްވާ އަލީ ބުންޏެވެ.

އަލީ ބުނީ ކެއުން ބުއިމަށް ބަޔަކު އައިސް ކެފޭގައި ތިބޭއިރު އެމީހުންގެ ގަޔަށް ދުންބުރައި ކާން ހުންނަ ތަކެއްޗަށް އަޅީގެ އަސަރުކޮށް މިއުނދަގޫތައް ވުމުން ކަސްޓަމަރުންގެ ފަރާތުން ޝަކުވާތައް ލިބޭކަމަށެވެ. އަދި ބައެއްގެ އިހުމާލުން ދިމާވާ މި އުދަގުލުގެ ސަބަބުން ކެފޭއަށް ލިބޭ ގެއްލުމަކީ އެމީހުންގެ ވިޔަފާރިއަށް ދިމާވާ ވަރަށް ބޮޑު ގޮން ޖެހުމެއްކަމަށް އަލީ ބުންޏެވެ.

“ކައުންސިލަށް މިކަންތައް ހުއްޓުވުމަށް އެދި ހުށަހަޅާފައި ވީނަމަވެސް އަދިވެސް އެކަމަށް ހައްލެއް ނުލިބޭ. ކުނި އެޅުމަށް ހާއްސަ ތަނެއް ކަމަށްވާ ވެމްކޯ ހުންނަނީ ކީއްކުރަންތޯ” އަލީ ވަނީ ބުނެފައެވެ.

އަވައްޓެެރިންނަށް އުނދަގޫވާ ގޮަތަށް އަލިފާން ރޯކޮށް މިބާވަތުގެ ކަންތައް ކުރާނަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅެއެވެ. މައްސަލަ ހުށަހެޅުމުން ފުލުހުން އެތަނަކަށް ގޮސް އަލިފާން ނިއްވުވައި މައްސަލައިގެ ރިޕޯޓް ފުލުހުން ކައުންސިލް އަށް ފޮނުވައެވެ. އެއްޗިހި ނޫނީ ކުނި އެންދުމަށް ރޯކުރާ އަލިފާނުން އަރާ ދުމަކީ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންދޭ ވިހައެކެވެ. ދުމުން އިންސާނާގެ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހި ކާޑިއޯ ވަސްކުލާ މައްސަލަތައް ދިމާވެއެވެ. އަދި ނޭވާ ހިއްލާ މީހަކު ނަމަ އެމީހެއްގެ ފުއްޕާމެއަށް ދުމުގެ އަސަރު ކުރުމާ އެކު އެމީހެއްގެ ފުރާނަ ގެއްލޭ ވަރުގެ ހިތާމަވެރި ހާދިސާތައް ހިގައިދެއެވެ.

އަވަށްޓެރިންނަށް އުނދަގޫ ނުކުރާށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ: “ހަމަކަށަވަރުން ތިބާއަކީ އިޙުސާންތެރިއެއް ކަަމަށް ބުނެ ތިބާގެ އަވައްޓެރިން ތިބާއަށް ޘަނާ ކިޔައިފިނަމަ ތިބާއަކީ އިޙުސާންތެރިއެކެވެ. އަދި ހަމަކަށަވަރުން ތިބާއަކީ ނުބައި މީހެކޭ ތިބާގެ އަވައްޓެރިން ބުނެފިނަމަ ތިބާއަކީ ނުބައިމީހެކެވެ.”