English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމިއްޔާގެ 5 ވަނަ އަހަރީ ޖަލްސާ ބާއްވައިފިއެވެ.

ސ، ހުޅުދޫ ކައުންސިލަރ ހުސެއިން ފައިޒް, ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި 2022 ވަނަ އަހަރުގެ ރިޕޯރޓް އިއްވައި ދިނީ އެ ދައުރުގެ ރައީސާ އާއިޝަތު އަޝްފާއެވެ.

އެ ރިޕޯރޓްގައި ނިމިގެން ދިޔަ އަހަރު އެ ޖަމިއްޔާއިން އިސްނަގައިގެން ކޮށްފައިވާ ކަންތައްތައް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ކަނބަލުންގެ ޕާކް ތަރައްގީ ކުރުމާއި، އެއަހަރުގެ ދެ އީދު ރަށު ފެންވަރުގައި ބޭއްވުން، ހުޅުމީދޫ ޕޮލިސްއާއި ގުޅިގެން ކުޑަކުދިންގެ ހަވީރު އިވެންޓް ބޭއްވުމާއި މަސްވެރިންގެ ދުވަސް ފާހަނގަ ކުރުން ހިމެނެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ޖަމިއްޔާގެ މެމްބަރުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ހަވާލު ކޮށްފައެވެ. އަދި މި އަހަރު އަލަށް ޖަމިއްޔާއާއި ގުޅުނު ކަނބަލުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފައި ވެއެވެ. މެމްބަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކައުންސިލަރ ފައިޒް އެވެ.

ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމިއްޔާގެ މި ދައުރުގެ ރައީސާ އަކީ ފާތިމަތު ސައީދާ މުތީއު އެވެ.

މި ޖަމިއްޔާއިން މިއަހަރުގެ މިހާތަނަށް ކުރަން ނިންމާފައިވާ ކަންކަމަށް ބަލާއިރު، އަންނަ ރޯދަމަހު މަސްޖިދުލް ވަހުދާގައި ޚިފްޒް ކޮށް ތަރާވީސް ކުރާނެ އިމާމަކު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަ ކޮށްފައި ވެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހުއަނގު ޖަމިއްޔާގެ މި ދައުރުގެ ރައީސާ ފާތިމަތު ސައީދާ މުތީއު ވިދާޅުވީ މިހާރު އެކުލެވިފައިވާ ހިންގާ ކޮމިޓީ އަކީ ވަރަށް އުންމީދީ ކޮމިޓީއެއް ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ރަށުގެ ކުރި އެރުމަށް ރައްޔިތުންނާއި ރަށުގެ ހުރިހާ މުއައްސަސާތަކާ އެކީ މަސައްކަތް ކުރުމަކީ އަޒުމު ކަމަށެވެ.

ހުއަނގު ޖަމިއްޔާ އަކީ ރަށުގެ ކުރި އެރުމަށް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ.