English Edition
Dhivehi Edition
މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު
ބޭންކް އޮފް މޯލްޑިވްސް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާރޖެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ
ސިރާޖު މިފަދައިން ވިދާޅުވީ ދިވެހިން އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ވެބްސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަން ބީއެމްއެލް އިން ހާމަކުރުމާއި ގުޅިގެންނެވެ.
“މި ގޮތަށް ފީއެއް ނެގުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމަށްވެސް ނުފެނޭ” ސިރާޖު ވިދާޅުވިއެވެ.
ސިރާޖު އިތުރަށް ވިދާޅުވީ މިއީ މުދަލުން ޑިއުޓީ ނެގުންކަމަށާއި މުދަލުން ޑިއުޓީ ނެގޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސް ކޮށްގެންކަމަށެވެ. އަދި ގާނޫނު ފާސް ކުރުމެއްނެތި ވަކިވަކި އިދާރާތަކުން މިގޮތަށް ފީގެ ނަމުގައި ޓެކްސް ނުވަތަ މުދަލުން ޑިއުޓީ ނަގަންފެށުމަކީ ހުޅުވޭނެ ނުރައްކާތެރި ދޮރެއްކަމަށް ސިރާޖުވަނީ ވިދާޅުވެފައެވެ.
“ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އީކޮމާސްއިން މުދާ ގެނެސް ވިއްކަން ފެށުމުން ޑިއުޓީ ދައްކައިގެން މުދާ ގެންނަ ވިޔަފާރިވެރިންނަށް މިކަމުގައި ނޭދެވޭ އަސަރު ކުރާނެ. އަދި ޑިއުޓީ ނުކުރުމުން ދައުލަތުގެ އާމްދަނީއަށްވެސް އަސަރު ކުރާނެ. އެހެންނަމަވެސް އެކަމުގެ ހައްލަކީ ބޭންކް އޮފް މޯލްޑިވްސް އިން %30 ފީއެއް ނެގުމެން ނޫން. ހައްލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލު ކުރާގޮތަށް ޤާނޫނަށް ބަދަލު ގެނައުން. ބޭންކް ތަކުން މިކަމުގައި އަމަލު ކުރާގޮތަކީ ކާޑުގެ މުއާމަލާތްކުރެވޭ ލިމިޓް ކަނޑައެޅުން. މުދަލުން ޑިއުޓީ ނެގުމެއްނޫން.” ސިރާޖު ވިދާޅުވިއެވެ.
ބީއެމްއެލް އިން މިއަދު ބުނެފައިވަނީ ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ހަމަޖެއްސި ނަމަވެސް ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުން އެ ފީ ނުނަގާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ކޮންޓްރޯލެއް ލާން ޖެހުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އެ ވެބްސައިތްތަކަށް ހޭދަ ކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް އޮންލައިންކޮށް އެ ވެބްސައިޓްތަކުން މުދާ ގަތުމަކީ ގިނަ ދިވެހީން ކުރާ ކަމަކަށްވާއިރު މި ފީ ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.