English Edition
Dhivehi Edition
- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ހަމަޖެއްސި ޖެއްސުން އަލުން ބަދަލުކޮށް ކުރިން ވެސް އޮންނަ ގޮތަށް މަހަކު 750 ޑޮލަރު އޭޓީއެމްތަކުން ނެގޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ކުރެވޭ ބޭރު ފައިސާގެ މުއާމަލާތުގެ އަދަދު 500 ޑޮލަރަށް ބޮޑުކުރުމާއި އެކު ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ބީއެމްއެލްއިން ހަމަ ޖައްސައި އިއުލާން ކުރީ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.

މި ނިންމުންނާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ނުރުކުން ފާޅުކުރިއެވެ.

ނަމަވެސް ފަހުން ބީއެމްއެލް ބުނި ރާއްޖޭން ބޭރުގައި އުޅޭ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން މަހަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.

އުސޫލަށް ގެނައި ބަދަލުގެ ތަފްސީލުތައް ހާމަކުރައްވާ ބޭންކުން ވިދާޅުވީ، މިހާރު 750 ޑޮލަރުގެ ލިމިޓް ބޭނުންވާ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހިންނަށް، ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރެޖިސްޓަރ ކުރަވޭނެ ކަމަށެވެ. އެގޮތުން ދިވެހި އެ ފަރާތްތަކަށް 750 ޑޮލަރާއި ހަމައަށް، ކާޑުތަކުން ފައިސާ ނެގުމާއި އަދި ޕީއޯއެސްތައް މެދުވެރިކޮށް މުޢާމަލާތް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބޭރުގައި ދިރިއުޅޭ މީހުންގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓު 1،200 ޑޮލަރަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ބޮޑުކޮށްފަ އެވެ. ބޭންކުން ބުނީ ކާޑު ލިމިޓްތަކަށް ގެނައި ބަދަލުގެ އަސަރެއް ބޭރުގައި އުޅޭ ދަރިވަރުންނަށް ނުކުރާނެ ކަމަށެވެ. ބޭރުގައި އުޅޭ ދަރިވަރުންނަށް އޭޓީއެމުން ވެސް ކުރިއެކޭ އެއްގޮތަށް ފައިސާ ނެގޭނެ ކަމަށް ބުންޏެވެ. ދަރިވަރުންނަށް ވެސް މި ލިމިޓްތައް ހަމަޖައްސައިދެނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުންނެވެ.