English Edition
Dhivehi Edition

މިއަދުން ފެށިގެން “ބިޒްނަސް ވިސާ” އަދި “ސްޕެޝަލް ވިސާ” އަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް އިމިގްރެޝަނުން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “ބިޒްނަސް ވިސާ” އާއި “ސްޕެޝަލް ވިސާ”ގެ ދަށުން ރާއްޖެ ގެނެއުމަށް ބޭނުންވާ ބިދޭސީންގެ ވިސާ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް، އެ ބިދޭސީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީޚުގެ 5 ދުވަސް ކުރިން [email protected] އަށް އީމެއިލް ކުރުމަށެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާއިރު، ކޮންމެ އެޕްލިކޭޝަނެއްވެސް ފޮނުވާނީ ވަކި އީމެއިލެއްގެ ގޮތުގައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ވިސާ އެޕްރޫވް ވެއްޖެކަން ވެސް އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އަދި އީމެއިލް މެދުވެރިކޮށް ފޯމް ހުށައެޅިޔަސް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ، ނުވަތަ ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، އެ އެޕްލިކޭޝަނެއް ބާތިލްވާނެކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

ވިސާ އެޕްރޫވް ވެފައިވާކަމުގެ އީމެއިލް ލިބުމުން ބިދޭސީ މީހާ ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ހުށަހަޅައި ވިސާ ފީ ދައްކަންވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.