English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދާ “”ފުލުހަކާ އެކު ކޮފީއެއް” މި ޕްރޮގްރާމު މިއަދު ހަވީރު ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްުދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ.

މި ހަރަކާތް އޮންނާނީ މިއަދު (ހޮނިހިރު ދުވަހު) ހަވީރު 4:30 އިން 6:00 އަށް ހިޔާ ޕާކުގައެވެ.

ފުލުހުންގެ މުއައްސަސާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު މި އިވެންޓުން ލިބިގެންދާނެ ކަމަށެވެ.

ކުށުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ކުރިއަށް ގެންދައެވެ. މި ހަރަކާތްތަކުގައި، އާންމުން އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުން ކުރާނެގޮތް ކިޔައިދީފައިވެއެވެ.

އެގޮތުން، ވައިބަރ ހެކްކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ސެކިއުރިޓީ ފީޗާސްތައް ބޭނުންކުރުމަށާއި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންވީ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައި، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުންނާއި، އާންމުކޮށް މުޖުތަމައުގައި ހިނގަމުންދާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތުދީ އަދި މައުލޫމާތު ހިމެނޭ ލީފްލެޓް ދީފައިވެއެވެ.

ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރެވިގެންދާނެ ކަމަށެވެ.