English Edition
Dhivehi Edition
ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން އަތުލައިގެންފައިވާ ބަނގުރާފުޅިތަކެއް - ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުން އއ. އުކުޅަސް އަދި ގދ. ވާދޫގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން އުކުޅަހުގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން އުކުޅަހު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

މީގެ އިތުރުން، ވާދޫގައި ހިންގި އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، ވާދޫ ޕޮލިސް ސްޓޭޝަނާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކު ކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މި މަހު 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި، އޭނާގެ ބަންދަށް ވާދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ.