English Edition
Dhivehi Edition

މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ “ޢާޝޫރާ ދުވަހުގެ މާތްކަން” މި މައުޟޫއަށެވެ.

ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަހެވެ. ހުތުބާގައި ވިދާޅުވީ، ފިރުއައުނު ޣަރަގު ކުރެއްވި ހާދިސާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތި ކުރައްވާނެ ކަމެވެ.

ޢާޝޫރާ ދުވަހުގެ މާތްކަން ފާހަގަކުރައްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ މަހެއްކަމަށެވެ. އަދި ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށެވެ. އެގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް ވެސް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އަދި އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތް ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން ކަމަށް ޚުތުބާގައި ވިދާޅުވިއެެވެ.