English Edition
Dhivehi Edition
އެމްޑީޕީގެ އަހަރީ ދުވަހު ކޭކު ފަޅަނީ: - ފޮޓޯ/ އެމްޑީޕީ

އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ, އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި، އެ ޕާޓީ ހިންގުމާ ގުޅޭ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެ ބަދަލުތައް ގެންނަން މަސައްކަތް ކުރައްވަނީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ކަމަށެވެ. އެހެންވެ، އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ރޯޑުމެޕެއް މިހާރު އެކުލަވާލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެ ގޮތުން، އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ މުހިންމު އެއް ބަދަލަކީ މިހާރު އޭނާ ހުންނެވި ޗެއާޕާސަންގެ މަގާމާއި އަބްދުﷲ ޝާހިދު ހުންނެވި ރައީސްކަމުގެ މަގާމު އެއްކޮށްލުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ފައްޔާޒު ހުންނެވިއިރު، ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީ ބާރަށް ކުރިއަށް ގެންދަން މިއީ ވަރަށް މުހިއްމު ކަމަށާއި ޚާއްސަކޮށް ޕާޓީގެ ހިންގުން އެ ބަދަލުގެ ސަބަބުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

މީގެ އިތުރުން، ޕާޓީގެ ލީޑަރަކަށް އިންތިޚާބުވާ ބޭފުޅާއަށް ލީޑަރުކަމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހައްދަވަން ވެސް ފައްޔާޒް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕާޓީ ހިންގަން އަންނަ ބޭފުޅަކީ ހަމައެކަނި އެ ކަމަށް ހުސްވެފައި ހުންނަ ބޭފުޅަކަށްވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅާއަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއެއް ވެސް އަދައިނުކުރެވޭ ގޮތް ހެދުމަކީ ވެސް ހުށަހަޅުއްވާ އިސްލާހުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ ބަދަލު ގެންނަނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޕާޓީ ހީނާރުވާތީ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވަނީ ފެކްޝަންތަކަށް ވެސް ޖާގަ ދީގެން ކަމަށެވެ. އެހެންވެ، ޕާޓީގެ ހިންގުމަށް ޚާއްސަ ބޭފުޅެއް ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަމާޒަކީ ފެކްޝަން ނެތް ޕާޓީއަކަށް އެމްޑީޕީ ބަދަލުވިޔަނުދިނުން ކަމަށެވެ.

މި ނޫން ވެސް ގިނަ ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އަސާސީ ގަވާއިދަށް އިތުރު މުހިންމު އިސްލާހުތައް ކޮންގްރެސްގައި ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެއާ ގުޅޭ ރޯޑްމެޕެއް އެކުލަވައިލީ ރަށްރަށަށް ކުރި ދަތުރުތަކުގައި އާންމު މެމްބަރުންގެ ވެސް ހިޔާލު ހޯދައިގެން ކަަމަށެވެ.

އެމްޑީޕީން މިދިޔަ އޭޕްރީލް 12 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައިވާ ގޮތުން ނަމަ އެ ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓް މަހުގެ 15 އިގެ ކުރިން ބާއްވަން ޖެހެއެވެ.

ޓެގު