English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދުންފަތް މަނާކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގިނަ ރައްޔިތުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށްކަމަށް ޚިޔާލު ހޯދުމުގެ ޕޯލުން ދައްކައިފިއެވެ.

ޖެނަރޭޝަން ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް އިއުލާނުކުރެއްވީ ‘ރައްޔިތުންނާ އެކު’ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އަދި މި މަހުގެ ދެވަނަ ދުވަހު އޮތް ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަން ބޭންއާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް “ޖެނެރޭޝަން ބޭން” އެއް މުހިންމުކަމަށާއި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އަދި 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް އެމަނިކުފާނު ޢާންމުންގެ ޚިޔާލަށް ހުޅުވާލެވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުން މުހިންމުކަމަށް އެފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢާންމުންގެ ޚިޔާލަށް ހުޅުވާލި ޕޯލުގައި ވަނީ، ދުންފަތުން ސަލާމަތް ކުރުމަށް ޤާނޫނެއް ހެދުމަށް ނިންމަވާފައިވަނީ 2000ވަނަ އަހަރުން ފެށިގެން ނުވަތަ 2004ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށެވެ.

ސޯޝަލްމީޑިއާގައި ހުޅުވާލި ޕޯލަށް ޕޯލަށް 5،501 މީހުން ވޯޓު ދިނެވެ. އޭގެ ތެރެއިން 51.1 ޕަސެންޓު ތާއީދުކުރީ ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ 2،809 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރެއިން 41 ޕަސެންޓު މީހުން ތާއީދުކުރީ ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާށެވެ. އެއީ 2،242 ވޯޓެވެ. ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ވޯޓުދިނީ އެންމެ 450 މީހުންނެވެ. އެއީ އެންމެ އަށް ޕަސެންޓެވެ

ރައީސް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ވަނީ މަޝްވަރާތައްވެސް ފަށްޓަވާފައެވެ. އެގޮތުން، ސިއްޙީ ވުޒާރާއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިޢްޔާއާއި ޔުނިސެފްގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އެ ފަރާތްތަކުން ވަނީ މި މަސައްކަތުގައި ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން ސިއްޙީ ވުޒާރާއަށް ލަފާ ދެއްވާފައެވެ.