English Edition
Dhivehi Edition

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، ހަތަރު އަހަރުގެ މާސްޓާޕްލޭނެއް ހަދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްޓަކައި މިމަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ދުންފަތާ ދުރުހެލިވާން ބޭނުންވާ މީހުންނަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށް ވެސް ރައީސް ނިންމަވައިފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް މުހިންމު ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާވަނީ މިމަހުވެސް ނިންމަވާފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންވާ އެކި އާލާތްތައް ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށް ޑިސެމްބަރު މަހުގެ ތެރޭގައި އެކަން ތަންފީޒުކުރުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ސިނގިރެޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

ރައީސްގެ އެ ނިންމެވުންތަކަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ތައުރީފުކޮށްފައިވެއެވެ.