ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިކުރުވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، އެ އާދައިން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުންކަމަށާއި، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅުވައި، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު އަހްމަދު މުއާޒު އާދަމް ވެސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުމުގެ ނުރަނގަޅު އާދައަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ދެ ކަން ކަމުގައި ވިދާޅުވެފައެވެ. އަދި މި ކަންކަމަށް ހުށަހެޅި، އާދަ އަށަގަންނަނީ ޅައުމުރުން ފަށައިގެން ކަމަށާއި މި ދެ ކަމަކީ ވެސް ކެންސަރާއި އެ ނޫން ވެސް ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމަށް މަގުފަހި ކުރުވާ ދެކަން ކަމަށް މުއާޒް ވިދާޅުވިއެވެ.
“އެހެން ކަމުން، ރަނގަޅު ކާނާ ކެއުމާއި، ހެލިފެލިވެ އުޅުމާއި، ދުންފަތާއި ދުފުމުގެ ނުރަނގަޅު އާދައިން ދުރުވުމަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް މަގުފަހިކޮށްދޭ ކަންތައްތައް” މުއާޒު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕު މަނާކޮށް، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ.