English Edition
Dhivehi Edition
އެއާ އިންޑިއާގެ ވެއްޓުނު މަތިންދާބޯޓުން ސަލާމަތްވި ހަމައެކަނި މީހާ ، ރަމޭޝް: ފޮޓޯހިންދުސްތާން ޓައިމްސް

އެއާ އިންޑިއާގެ މަތިންދާބޯޓު އަހުމަދުއާބާދުން ނައްޓާލުމާ އެކު ވެއްޓި އެބޯޓުން ދަތުރުކުރި އެންމެންހެން ނިޔާވި ހިތާމަވެރި ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ މީޑިއާތަކަށް އޭނަގެ ވާހަކަ ކިޔައިދީފިއެވެ.

ހޮސްޕިޓަލްގެ އެނދުގައި އޮވެގެން ވިޝްވާޝް ކުމާރު ރަމޭޝް ބުނީ އެ ހާދިސާ ހިނގައިދިޔައީ އޭނަގެ ލޯކުރިމަތީގައި ކަމަށެވެ.

“އަހަންނަކަށް ވެސް އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރެން ސަލާމަތުން އެ ބޯޓުން ނިކުތީ ކިހިނެއް ކަމެއް. ކުޑަވަގުތުކޮޅަކަށް އަހަންނަށް ވެސް ހީކުރެވުނު އަހަރެންވެސް މި މަރުވަނީ ކަމަށް. އެކަމަކު ފަހުން ލޯހުޅުވައި ބެލިއިރު އެނގުނު އަދި މަރުނުވާކަން” ހިންދުސްތާން ޓައިމްސް އަށް ރަމޭޝް ދިން އިންޓަވިއުގައި ކިޔަައިދީފައިވެއެވެ.

ރަމޭޝް ބުނީ ފްލައިޓް ނައްޓާލިތާ 30 ވަރަކަށް ސިކުންތު ފަހުން ބާރު އަޑުފަށްގަނޑެއް އިވުނު ކަމަށާއި ދެން ފްލައިޓް ސްޓަކްވީކަމަށެވެ. އަދި ފްލައިޓްގައި ފެހިކުލައިގެ ބޮކި ދިއްލުނުކަމަށެވެ. އަދި އެ ލައިޓް ހުދުކުލައަށް ބަދަލުވިކަމަށެވެ. އަދި ބާރު ސްޕީޑުގައި ގޮސް ހޮސްޓެލްތެރެއަށް ފްލައިޓް ވެއްޓުނު ކަމަށް ރަމޭޝް ބުންޏެވެ.

“އަހަރެން އިށީނދެގެން އިން ސީޓު ހުރި ފަރާތް ނޫން އަނެއް ފަރާތް ބިންމަތީގައި ޖެހުނީ. ސަލާމަތް ވާން ޗާންސް ލިބުނީ އެހެންވެ. ވަގުތުން ބެލްޓް ނެއްޓުމަށްފަހު ދޮރުހުޅުވާފައި އަހަރެން ބޭރަށް ފުންމާލީ” ރަމޭޝް ކިޔައިދިނެވެ.

ރަމޭޝް އަކީ އިންޑިޔާއަށް އުފަން މީހެއް ނަމަވެސް ބްރިޓިޝް ސިޓިޒަންޝިޕް އޮންނަ މީހެކެވެ. ރަމޭޝް އިންޑިއާއަށް ދިޔައީ އާއިލާއަށް ޒިޔާރަތް ކޮށްލުމަށެވެ. އަދި އެނބުރި ޔޫކޭއަށް ދިޔައީ އޭނަގެ ބޭބެ އާއި އެކީގައެވެ. މި ހާދިސާ ހިނގި ވަަގުތު ރަމޭޝްގެ ބޭބެ އިށީނދެގެން އިނީ ފްލައިޓްގައި ކުޑަތަންކޮޅެއް ދުރުގައި ހުރި ސީޓެއްގައެވެ.

އިންޑިއާގެ މީޑިއާތަކުން ވަނީ ރަމޭޝްގެ ބޯޑިންޕާސް ވެސް ހިއްސާކޮށްފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަމޭޝް ގެ ސީޓް ނަމްބަރަކީ އިމަޖެންސީ އެގްޒިޓާ ދިމާއިން 11އޭ އެވެ.

މި ހާދިސާގައި މާ ބޮޑު އަނިޔާއެއް ނުލިބި އޭނަ ސަލާމަތްވި ވުން ގިނަ ބަޔަކު ސިފަކުރަނީ “މިރަކަލް” އެއްގެ ގޮތުގައެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނަށް 230 ފަސިންޖަރުންނާއި 12 ކްރޫންނާ އެކު ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގައި، ބޯޓު މައްޗަށް ނާރައި މަޑުމަޑުން ތިރިވަމުން ގޮސް އެ ބޯޓު ވެއްޓުނީ އެއާޕޯޓް ކައިރީގައި ހުރި ޑޮކްޓަރުންގެ ހޮސްޓެލްއަކަށެވެ. އެ އިމާރާތުގެ ތެރެއަށް މަތިންދާބޯޓުގެ އެއް ބައި ވަދެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އިމާރާތާއި ބޯޓު ވެސް ވަރަށް ބޮޑަށް އަނދައިފައެވެ.

އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހަކު ތިބި ބޯޓުން ސަލާމަތްވި ހަމައެކަނި މީހަކީ ރަމޭޝްއެވެ.

މި ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭވިއޭޝަން ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޑްރީމްލައިނާ 787-8 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.