English Edition
Dhivehi Edition
ފޮޓޯ ސޯޝަލް މީޑިއާ

މި އަހަރުގެ ބޮޑު އީދު ވެގެންދިޔައީ މުޅި ރާއްޖޭގެ ހުރިހާ ދިމާއަކުން ޝައުގުވެރިކުރުވަނިވި ނަލަ އަދި ދިވެހި ސަގާފީ ކުޅިވަރުތަކުގެ ފުރިހަމަކަމާއި ފޯރި ދައްކުވައިދިން ފޯރިގަދަ އީދަކަށެވެ. އީދުގެ ތެރޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުން ސޯޝަލްމީޑިއާ ބަންޑުންވަމުންދާއިރު ގިނަ ބަޔަކު ދަނީ މިފަހަރުގެ އީދުގައި އެންމެ ފަރި އަދި ރީތި އަންހެން ކުދިން ފެނުނު އަތޮޅުތަކުގެ ވާހަކަ ދައްކައި އެއް އަތޮޅަކަށް ވުރެ އަނެއް އަތޮޅެއް އެކަމުގައި ވެސް ކުރި ހޯދަމުންނެވެ.

ސޯޝަލްމީޑިއާގެ ޕޯސްޓްތަކުން ފެންނަ ގޮތުގައި އެންމެ ގިނަ ބަޔަކަށް މިފަހަރު ކަމުދިޔަ ކަމަށް ވަނީ އައްޑޫގެ އަންހެން ކުދިންނެވެ. ނުވަތަ ޕްރޮމޯޓް ކުރަމުން ދަނީ އެގޮތަށެވެ. ވަކިން ޚާއޞަކޮށް ފޭދޫ މަގުއްދޫ ހަރަކާތްތަކުގައި ބައިވެރިވި އަންހެން ކުދިންނެވެ.

ފޮޓޯ: ސޯޝަލްމީޑިއާ

“ކޮން ކަމަދޫ އެއް. ދެން މުޅިންވެސް އީދުޗުއްޓީއަށް ދާނީ އައްޑޫއަށް” މީހަކު ސޯޝަލްމީޑިއާގައި ލިޔެލާފައިވެއެވެ.

މި ފޮޓޯތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ނުދެއްކުމަށް ވެސް ބައެއްމީހުން ލިޔެލާފައި ހުއްޓެވެ.

“އަބަދުވެސް އައްޑޫ ކުދިން ރީތިވާނެ. އަދި އަލަށް އީދެއްގައި ސަގާފީ ނެށުންތަކެއް މި ފެނުނީ އައްޑޫން. މީގެ ކުރިން މިކަހަލަކަމެއް ނުފެންނާތީ ތި ނޭނގެނީ. އައްޑޫގައި ތިބެނީ މުޅިން ވެސް ރީތި ކުދިން” އެހެން މީހަކު ލިޔެފައިވެއެވެ.

ފޮޓޯ: ސޯޝަލްމީޑިއާ

“އައްޑޫ އީދި ސަމާ 1446” ގެ ނަމުގައި މުޅި އައްޑޫގައި އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރު ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު ގިނަ ޒުވާނުން މި ކުޅިވަރު ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައެވެ.

މި ކުޅިވަރު ތަކުގައި ބައިވެރިވި ޒުވާން އަންހެން ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއަރ ކުރަމުން ބައެއް މީހުން ލިޔެލާފައިވަނީ މިއީ އައްޑޫގެ ފަހަރު ކަމަށެވެ.

ނަމަވެސް މިފަދަ ޕޯސްޓްތަކާއި ދެކޮޅު ބައެއް މީހުން ބުނެފައިވަނީ އީދުގައި އަންހެން ދަރިން ނެރެ ނީލަން ކިޔުން ރަށުފެންވަރުގައި ވާދަޔަށް ހިފައިފިކަމަށެވެ.

އީދު ކުޅިވަރު ތަކުން ރީތި އަންހެން ކުދިންގެ ވާހަކަ ދެއްކުން ހޫނުވެފައި އޮތީ މިދިޔަ އަހަރުގެ އަޟްޙާ އީދުގައި ބ. ކަމަދޫ އަންހެން ކުދިންގެ ފަރި ހަރަކާތްތައް މަޝްހޫރުވެ އަދި އެތަނުން ގިނަ ބަޔަކަށް އެންމެ ރީތިވި އަންހެންކުއްޖާ އާއި ސަންޓްރެވަލް ޝިޔާމް ކައިވެނިބެއްލެވުމާއި ގުޅިގެންނެވެ.