English Edition
Dhivehi Edition

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ،ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ތިންވަނަ ބުރުގެ ނޮމިނޭޝަނަށް ހުޅުވާލާފައިވާ ކަމަށް ހައިރައިޒުން ބުނެފިއެވެ.

ސަޓާގެ ފައުންޑާ އިސްމާއިލް ހަމީދު ވިދާޅުވީ ސަޓާ އެވޯޑުގެ 3 ވަނަ ބުރުގެ ނޮމިނޭޝަން، ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާޗް 15އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ވަނީ ހުޅުވާލާފައެވެ.

10 ސެގްމަންޓަކުން 36 ކެޓަގަރީ އަށް ނޮމިނޭޝަން ހުޅުވާލާފައިވާއިރު ސަޓާ އެވޯޑަށް އޮންލައިންކޮށް ނޮމިނޭޓު ވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ނޮމިނޭޓް ވާ ކޮންމެ ފަރާތަކަށް ވެސް 3 ދާއިރާއަކުން ކުރިމަތިލެވޭނެ ކަމަށް ހައިރައިޒުން ބުނެއެވެ.

ސައުތު އޭޝިއާގެ އެކި ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކު ބާއްވާ ސަޓާއެވޯޑުގެ ޕެނަލްގައި މަސައްކަތް ކުރައްވާނީ ސަރަހައްދީ ފެންވަރުގައި އެކަމުގެ ތަޖުރިބާކާރު މީހުން ކަމަށް ވެސް ހައިރައިޒުން ވަނީ ބުނެފައެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  5. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  6. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  7. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  8. ނޭޕާލް ޓޫރިޒަމް ބޯޑު
  9. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  10. ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް

2018 ވަނަ އަހަރުގެ ސަޓާ އެވޯޑު ބާއްވާނީ މިއަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާގައި ކަމަށް ނިމިގެން ދިޔަ 2017 ވަނަ އެވޯޑު ހަފްލާގައި ވަނީ އިއުލާން ކޮށްފައެވެ.

އައްޑޫސިޓީގައި ކުލަގަދަކޮށް ބޭއްވި 2017 ވަނަ އަހަރުގެ ސަޓާ އެވޯޑުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖެ އިން ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީގައި ބޭއްވި މި ހަފްލާގެ ސަބަބުން އައްޑޫސިޓީގެ ޓޫރިޒަމަށް ވަނީ ހީވެސް ނުކުރާފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

އައްޑޫސިޓީގައި ބޭއްވި ސަޓާއެވޯޑުގެ ފުރަތަމަ ހަފްލާގައި ވާހަކަދައްކަވަމުން ސަޓާގެ ވައިސް ޕްރެޒިޑެންޓް އިންޑާއާ، ސޫރަޖް ހާން ވިދާޅުވީ، ސަޓާ އެވޯޑް އަހަރަކަށް ވުރެ އަހަރެއް ކުރިއަރުވަން މަސައްކަތް ކުރައްވާ ކަމަށާއި 2016 ވަނަ އަހަރު ތިން ގައުމަކުން އެ އެވޯޑްގައި ބައިވެރިވެފައި ވީނަމަވެސް 2017 ވަނަ އަހަރު އެ އެވޯޑްގައި ފަސް ގައުމަކުން ބައިވެރިވެފައިވާ ކަމަށެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.