މަތީ ތައުލީމް ހާސިލުކުރުމަށް ހުޅުވާލި 2050 ސްކޮލަރަޝިޕަށް އެދި މިހާތަނަށް ދުއިސައްތަ ފަންސާސްހަށް ވުރެ ގިނަ ކުދިން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ
ޕީއެސްއެމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލުމާއެކު ތަފާތު އެކި ކޯސްތަކަށް ދަރިވަރުން އެދެމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށެވެ. ޑރ. ނަޒީރު ވިދާޅުވީ، ސްކޮލަރިޝިޕަށް ހުޅުވާލި ފުރަތަމަ ހަފްތާގައި ގިނަ އަދަދެއްގެ ދަރިވަރުން އެޕްލިކޭޝަން ފޯމު ނަގާފައިވާކަމަށާއި 250 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ހިގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޢަމާޒުކޮށްގެން ފަންނީ ދާއިރާއިން މީހުން ތަމުރީންކުރުމަށް ސަރުކާރުން ދޭ 2050 ސްކޮލަރޝިޕްގެ ތެރޭގައި ދިހަ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސިއްހީ ދާއިރާއިން 400 ފުރުސަތާއި، އައިޓީ ދާއިރާއިން 325 ފުރުސަތާއި، ކޮންސްޓްރަކްޝަން ދާއިރާގެ 350 ފުރުސަތާއި، ތަޢުލީމީ ދާއިރާގެ 170 ފުރުސަތާއި އާއްމު އެކިއެކި ދާއިރާތަކުން 350 ފުރުސަތު ހިމެނެއެވެ.
މީގެ ތެރޭގައި އެންމެ ގިނަ ކޯސްތައް ޢަމާޒުކޮށްފައިވަނީ އިންފޯރމޭޝަން ޓެކްނޮލޮޖީއާއި، ސިއްޙީ ދާއިރާއާއި، ކޮންސްޓްރަކްޝަން އަދި އާއްމު އެކިއެކި ދާއިރާތަކުން ހުޅުވާލާފައިވާ ކޯސްތަކަށެވެ. މި ސްކޮލަރޝިޕް ފުރުސަތުގެ ދަށުން ކޯހާއި، ކޮލެޖަށް ނުވަތަ ޔުނިވަރސިޓީއަށް ދައްކަން ޖެހޭ ޓިއުޝަންފީތައްވެސް ދައްކާގޮތަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ.
ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލަފައިވާ 2050 ސްކޮލަރޝިޕް އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. އަދި މި ސޮކްލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.
“ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗަރ” ނަމުގައި ހުޅުވާލާ މި ސޮކލަރޝިޕްތަކުގެ ދަށުން ހިމަނާފައިވާނީ ސެޓްފިކެޓް ލެވެލްގެ 1200 ފުރުސަތާއި ޑިޕްލޮމާ ލެވެލްގެ 850 ފުރުސަތެވެ.